އެމްޑަބްލިއުއެސްސީ

ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލްތައް ދެއްކުމުން މިއަހަރުގެ ކުރިން އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭން އެމްޑަބްލިއުއެސްސީން އަނެއްކާވެސް ނިންމައިފި އެވެ.

އެމްޑަބްލިއުއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކަސްޓަމަރުންނަށް ފެން ބިލްތަކުގެ ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މަޢާފު ކޮށްދިނުމަށް އަނެއްކާވެސް ނިންމަވާފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން އެމް.ޑަބްލިޔު.އެސް.ސީގެ ގޭބިސީތަކުގެ ކަސްޓަމަރުންނާއި ވިޔަފާރި ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2025ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފް ކޮށްދެން ވަނީ ނިންމާފައެވެ. އެމްޑަބްލިއުއެސްސީން ބުނީ، ޖޫރިމަނާ މަޢާފް ކޮށްދެވޭނީ ޖޫރިމަނާ އަރާފައިވާ ތަންތަނުން ބިލްތަކަށް ދައްކަވަންޖެހޭ ޖުމްލަ ފައިސާ 01 އޭޕްރީލް 2026 އިން ފެށިގެން 31 ޑިސެމްބަރ 2026 އާއި ދެމެދު އެއްކޮށް ދައްކަވައި ޚަލާސްކުރާ ކަސްޓަމަރުންނަށް ކަމަށެވެ.

މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކުރަން އެދޭ ކަސްޓަމަރުންނަށް، އެއިންތިޒާމްވެސް އެމްޑަބްލިއުއެސްސީއިން ހަމަޖައްސައިދޭނެވެ. މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފް ކޮށްދެވޭނީ، އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާ ޚަލާސް ކުރުމުންނެވެ.

އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ކެއަރ ސެންޓަރު އަދި ހޮޓްލައިން (105)އަށް ގުޅައިގެން މަޢުލޫމަތު ސާފު ކުރެވޭނެއެވެ. ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުއްވުމުން ނުވަތަ [email protected] އަށް އީ-މެއިލް ކުރުމުން މިކަމުގައި އެހީތެރިކަން ލިބޭނެއެވެ.

މިދިޔަ އަހަރުވެސް ފެން ބިލުން ލުއިތަކެއް ދީފައިވެއެވެ. އޭރުވެސް ކަނޑައެޅި ވަކި އުސޫލެއްގެ ދަށުން، 2024ވަނަ އަހަރުގެ ޑިސެމްބަރު 1ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފް ކޮށްދީފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް