އެއްވުމުގެ ބައިވެރިއަކަށް އަނިޔާކޮށްފައެއް ނުވާނެ، ރޭގެ އެއްވުމުގައި ބާރުގެ ބޭނުމެއް ނުކުރޭ: ފުލުހުން

މާލޭގައި ރޭ އެމްޑީޕީން ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވީ ފުލުހުންގެ އަމަލުތަކުގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވުން ހިނގަމުންދިޔަ ސަރަހައްދުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް، އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.

"ފެތުރެމުންދާ ވާހަކަތަކާ ހިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައެއް ނުވެއެވެ. އަދި އެއީ އެއްވުމާ ގުޅިގެން ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫންކަމުގެ ޔަގީންކަން އަރުވަމެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ފާހަގަކުރި ގޮތުގައި، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މިފަދަ ކަންކަމަކީ މުޖުތަމައުގެ މަސްލަހަތަށް ގެއްލުންވާ ކަންކަން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިދާރާތަކަށާއި، މީޑިއާތަކުގެ އިތުރުން އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް