ޚާއްޞަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރި މީހަކަށް 18 އަހަރުގެ ޖަލު ޙުކުމެއް

ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ފުނާޑު.ނަވާ / ޏ. ފުވައްމުލައް، ޢަބްދުﷲ ވަޙީދު މޫސާ (58އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ފުލުހުން ބުނީ އެ ޚިދުމަތަށް މި މައްސަލަ ހުށަހެޅުމާއެކު، މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށާއި، ތަހުގީގު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 އެޕްރީލް 19 ވަނަ ދުވަހު ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މިގޮތުން މި ކުށުގެ އުގޫބާތެއްގެ ގޮތުން ޢަބްދުﷲ ވަޙީދު މޫސާ 18 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ޢަބްދުﷲ ވަޙީދު މޫސާ، މި ދައުވާއާ ގުޅިގެން ބަންދުގައި ހުރި 1 އަހަރާއި 7 މަހާއި 9 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، ޢަބްދުﷲ ވަޙީދު މޫސާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 16 އަހަރާއި 4 މަހާއި 21 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ފުލުހުން ބުނީ މި މައްސަލައަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި އެފަދަ މައްސަލަތައް ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެއް ކަމަށެވެ.

އަދި މިފަދަ ކުށްތަކުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި އެ ޚިދުމަތުން ކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް