މިދިޔަ މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 92 މައްސަލައެއް

ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި މިދިޔަ މަހު ރިޕޯޓުކޮށްފައިވާ އެކި ބާވަތުގެ 92 މައްސަލައިގެ ތެރޭގައި އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައްކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ތަފާސްހިބުތަކުން ދައްކައިފިއެވެ. މިދިޔަ މަހުވަނީ އަނިޔާއާއި ގުޅުންހުރި 230 މައްސަލަ އެވުޒާރާއަށް ހުށައަޅާފައެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 24 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 08 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 16 މައްސަލަތައްކަން އެ ވުޒާރާއިން ބުނެއެވެ.

އެގޮތުން، މީގެ ތެރޭގައި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 19 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 18 މައްސަލަ، ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 06 މައްސަލަ، ކުޑަކުދިންނަށް ޖިންސީ ގްރޫމިންގް ކުރުމުގެ 05 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ 02 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގްރޫމިންގް ކުރުމުގެ 01 މައްސަލަ، ކުޑަކުދިންގެ ބަދުއަހުލާޤީ އަމަލު ހިންގާ ވީޑިއޯގެ 01 މައްސަލައާއި އެހެނިހެން 03 މައްސަލައެއްވަނީ އެ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން މާރިޗު މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 60 މައްސަލައަކާއި ފިރިހެން ކުދިންގެ 32 މައްސަލައެއްކަން އެ ވުޒާރާއިން މައުލޫމާތުދެއެވެ.

އެގޮތުން، އެ ވުޒާރާގެ ޗައިލް ހެލްޕްލައިން 1412 އަށް ޖުމްލަ 1646 ކޯލު ވަނީ ލިބިފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ. މީގެ ތެރެއިން، 105 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތަކެވެ. އަދި، 1206 ކޯލު ބޮޑެތިމީހުންގެ ފަރާތުން ލިބިފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް 335 ކޯލު ލިބިފައިވާކަން އެ ވުޒާރާއިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް