މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ލިބިފައިވާކަން އެ ބޭންކުން ހާމަކޮށްފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 497 މިލިއަން ރުފިޔާއާ އަޅާބަލާއިރު 26.9 އިންސައްތައިގެ ކުރިއެރުމެކެވެ.
ބޭންކުން ހާމަކުރި ގޮތުގައި، މިއަހަރުގެ ފެށުން މާލީ ގޮތުން ވަރަށް ކާމިޔާބެވެ. އެގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާ ވަނީ މިދިޔަ އަހަރަށްވުރެ 27 އިންސައްތަ އިތުރުވެފައެވެ. މި ކުރިއެރުން ލިބިފައިވަނީ ބޭންކަށް ލިބުނު ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އުފުލުމާ ގުޅިގެންނެވެ. މީގެ ތެރޭގައި ލޯނާއި ފައިނޭންސިންގް އިން ލިބުނު 796 މިލިއަން ރުފިޔާ އާއި، ފީ އާއި ކޮމިޝަނުން ލިބުނު 332 މިލިއަން ރުފިޔާ ހިމެނެއެވެ.
ޚަރަދުތައް ކުޑަކުރުމަށް ކުރި މަސައްކަތުން، އާމްދަނީއާ އަޅާބަލާއިރު ޚަރަދު ހުރި މިންވަރު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ވަނީ 25 އިންސައްތައިން 24 އިންސައްތައަށް ދަށްކުރެވިފައެވެ. އަދި ބޭންކުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޖުމްލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ކަސްޓަމަރުން ބޭންކުގައި ބެހެއްޓި ފައިސާ ނުވަތަ ޑިޕޮސިޓްތައް 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ބޭރު ފައިސާއެވެ. ހަމައެއާއެކު، އާންމުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު ވަނީ 27.6 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.
ބޭރު ފައިސާ ދޫކުރުމުގެ ދާއިރާއަށް ބަލާއިރު، އަސާސީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި ވިޔަފާރިތަކަށް 106.2 މިލިއަން ޑޮލަރު ބޭންކުން ވަނީ ވިއްކާފައެވެ. މިއީ މިދިޔަ އަހަރުގެ އެވްރެޖަށްވުރެ 142 އިންސައްތަ އިތުރު އަދަދެކެވެ. މީގެ އިތުރުން، ކާޑުތަކުން ކުރާ ބޭރުގެ މުޢާމަލާތްތަކަށް 119.9 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިއީ މަހަކު އެވްރެޖްކޮށް 40 މިލިއަން ޑޮލަރެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 23 އިންސައްތައިގެ އިތުރުވުމެކެވެ.





