ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމަށާއި، ފެމެލީ ކޯޓުގެ އިސް ޤާޟީގެ މަޤާމަށް އައު ބޭފުޅުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އައްޔަންކުރައްވާފައެވެ. މިގޮތުން ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއެވެ. އަދި ފެމެލީ ކޯޓުގެ އިސް ޤާޟީގެ މަސްއޫލިއްޔަތު ހަވާލުކުރެއްވީ އެ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ނަޝީދުއާއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އިސްކުރެއްވި އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ޝަރީޢާ އެންޑް ލޯގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ހައިކޯޓުގެ ފަނޑިޔާރުކަމާ ހަވާލުވެވަޑައިގެންނެވި ޖަމީލް މޫސާ ވަނީ، މިދިޔަ ނޮވެންބަރު 19 އިން ފެށިގެން އެ ކޯޓު ވަގުތީގޮތުން ހިންގެވުމާވެސް ހަވާލުވެވަޑައިގެންފައެވެ. ފަނޑިޔާރުކަމުގައި 16 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ޖަމީލް މޫސާ ވަނީ މީގެ ކުރިން ސިވިލް ކޯޓުގެ ޤާޟީކަމާއި ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްވެރިޔާގެ މަޤާމުވެސް ފުރުއްވާފައެވެ.
ފެމެލީ ކޯޓުގެ އިސް ޤާޟީގެ މަޤާމަށް އައްޔަންކުރެއްވި އަލްއުސްތާޛު ޢަބްދުﷲ ނަޝީދަކީ އިސްލާމިކް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ އަދި ކުއްލިއްޔާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޝަރުޢީ ދާއިރާގައި 21 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ނަޝީދު ވަނީ ނ. މަނަދޫ ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. އަތޮޅުގެ އިސް މެޖިސްޓްރޭޓްކަމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޟީކަންވެސް ކުރައްވާފައެވެ. އޭނާ ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަޤާމަށް އެންމެ ފުރަތަމަ އައްޔަންކުރެވުނީ 2016 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.





