އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުން ވަކި އުސޫލުތަކެއްގެ ދަށުން ބެލެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުގެ ތައްޔާރީތައް ވަމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މިއީ ދިވެހިރާއްޖެ ޑިޖިޓަލްކުރުމަށް ކުރިއަށްގެންދާ 'މޯލްޑިވްސް 2.0' މަޝްރޫޢުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާނުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން، ޑިޖިޓަލް އައިޑެންޓިޓީ އަދި ސައިބަރ ސެކިއުރިޓީއާ ގުޅޭ ތިން ބިލެއް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި މީގެ އިތުރުން އޭއައިއާ ގުޅޭ ބިލެއްވެސް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ޑިޖިޓަލައިޒޭޝަންގެ ރޭހުގައި ރާއްޖެ ކުރީ ސަފުގައި އޮތުމަށްޓަކައި އޭއައިގެ ބޭނުން ހިފަންޖެހެއެވެ. ނަމަވެސް އެކަން ކުރަންވާނީ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ރެގިއުލޭޓް ކުރެވިގެން ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން މުޅި ދައުލަތް ޑިޖިޓަލްކޮށް ނިންމުމެވެ.
މީގެ އިތުރުން، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ސިވިލް ރަޖިސްޓްރޭޝަން ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލައި، މި ސަރަޙައްދުގައި އެންމެ ފުރިހަމައަށް އެ ޚިދުމަތްދޭ ޤައުމަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ ބޮޑު މަޤްޞަދެކެވެ. ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަވަސްކުރުމަށްޓަކައި ޒަމާނީ ޑިޖިޓަލް ނިޒާމެއް ބިނާކުރުމަށް މިއަހަރު ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށެވެ.



