ރައީސް ޑރ. މުޙައްމަދު މުއިއްޒު
މީހާގެ ތައުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާ ނުވަތަ ފަންނީ ގާބިލުކަމަށް ރިއާޔަތްކުރުމެއް ނެތް ގޮތަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

މި ނިންމެވުން އިއުލާންކުރައްވާފައި މިވަނީ، އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން %33 މަދުކުރުމަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އަންގާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ސަރުކާރު ހިންގުމުގެ ނިޒާމު އިސްލާހުކުރައްވަނީ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކަމަށެވެ. މި އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ އޮނިގަނޑު ކުޑަކުރުމާއި، މަސައްކަތަށް ފަރުވާކުޑަކުރާ މުވައްޒަފުން ވަކިކުރުމުގެ އިތުރުން، ވަޒީފާ ދިނުމުގައި އިއުލާންކޮށްގެން ގާބިލު މީހުން ހޯދުން ހިމެނެއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ބޭނުމަށް ވަޒީފާ ދިނުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައްޔިތުން ވަނީ ނިންމާފައެވެ. އެހެންކަމުން، ދެން ކުންފުނިތަކަށާއި މިނިސްޓްރީތަކަށް މުވައްޒަފުން ނަގާނީ އާންމުކޮށް އިއުލާންކޮށް، އެ މީހެއްގެ ތައުލީމީ ވަސީލަތްތަކަށް ބެލުމަށްފަހުގައެވެ.

ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ގާނޫނީ ބާރު ރައީސަށް އޮތް ނަމަވެސް، ދެން އެކަން ކުރައްވާނީ ހަރުދަނާ އުސޫލުތަކެއްގެ ދަށުންނެވެ. އެގޮތުން ސްޓޭޓް މިނިސްޓަރުންގެ ފެންވަރަކީ މާސްޓާސް ޑިގްރީ ކަމަށާއި، ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރަކީ ފުރަތަމަ ޑިގްރީ ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. އަދި އިތުރަށް ސިޔާސީ މުވައްޒަފުން އައްޔަންކުރާނީ ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި އެކަނި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް