ރައީސްގެ ވައުދަކީ ޖޭއެސްސީގެ މުށުތެރެއިން ޑީޖޭއޭ ވަކިކޮށް މިނިވަންކުރުން

ޝަރުއީ ދާއިރާއަށް އޮތް ސިޔާސީ ނުފޫޒުތައް ނައްތާލައި، އަދުލު އިންސާފުގެ ނިޒާމު އިސްލާހުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޖަވާބުދާރީވާ ތަނެއްގެ ބަދަލުގައި، ސީދާ ފަނޑިޔާރުންގެ ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ހަދަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުން ޝަރުއީ ދާއިރާގެ އިދާރީ ހިންގުން ޖޭއެސްސީގެ ދަށަށް ބަދަލުކުރުމަކީ ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލި، ސަރުކާރަށް ނުފޫޒު ފޯރުވުމަށް ހުޅުވުނު ދޮރެއް ކަމަށެވެ.

ޖުޑީޝަލް ކައުންސިލް އަލުން އުފެއްދުން

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ 2011 ވަނަ އަހަރު އުވާލި "ޖުޑީޝަލް ކައުންސިލް" އަލުން އިއާދަކުރުމެވެ. މި ކައުންސިލަކީ:

  • އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ތަނެކެވެ.

  • ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުން ބައިވެރިވާ މަޖިލީހެކެވެ.

  • ޝަރުއީ ދާއިރާގެ ފަންނީ އަދި އިދާރީ ކަންކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާ އިސް ފަންތިއެވެ.

"ޑީޖޭއޭ ޖަވާބުދާރީވާންޖެހޭނީ އުއްތަމަ ފަނޑިޔާރަށް"

މިހާރު އޮތް ނިޒާމަށް ގެންނަ އެންމެ ބޮޑު ބަދަލަކީ، ކޯޓުތަކުގެ ބަޖެޓާއި އިދާރީ ކަންކަން ބަލަހައްޓާ ޑީޖޭއޭގެ ހިންގުން ހަރުދަނާކޮށް، އެ ތަން ސިޔާސީ މުއައްސަސާއެއްގެ ބަދަލުގައި ފަނޑިޔާރުންގެ އިރުޝާދުގެ ދަށަށް ބަދަލުކުރުމެވެ.

"ޑީޖޭއޭ ބަދަލުވާން ބޭނުންފުޅުވަނީ އުއްތަމަ ފަނޑިޔާރާއި ޖުޑިޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޖަވާބުދާރީވާން ޖެހޭނީ ސީދާ ޝަރުއީ ދާއިރާގެ އިސްވެރިންނަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޯޓުތަކާ ބެހޭ ގާނޫނަށް މި އިސްލާހުތައް ގެނައުމުން، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް އޮތް ހުރިހާ ފުރުސަތެއް ބަންދުވެ، އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެންދާނެއެވެ. މި ބަދަލުތައް ގެނައުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް