ރައީސް ޑރ. މުޙައްމަދު މުއިއްޒު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިތުރު އެއްވެސް އިސްލާހެއް ގެނައުމުގެ ޕްލޭނެއް މިވަގުތު ސަރުކާރުގެ ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ ވޯޓުން ފެނިގެންދިޔައީ ޤާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ރައްޔިތުން އެދިނުވާކަން ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ އެ ނިންމުމަށް އިޙްތިރާމްކުރައްވައި، ކުރިއަށް އޮތް ތަނުގައި ދަސްތޫރަށް ބަދަލު ގެނައުމުގެ ވިސްނުންފުޅު ދޫކޮށްލައްވާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ރައްޔިތުން ދިން މެސެޖަކީ ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ އެމީހުން އެހާ ބޮޑަށް ތާއީދުކުރާ ކަމެއް ނޫން ކަމެވެ. އެހެންކަމުން، ޤާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަންޖެހޭ ފަދަ އެއްވެސް އިސްލާހެއް ކުރިއަށް އޮތް ތަނުގައި ނުގެންނަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ޤާނޫނުއަސާސީއަށް ބަދަލު ނުގެނައި ނަމަވެސް، އާންމު ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ހުރިހާ ނިންމެވުންތަކެއް ބިނާކުރައްވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށާއި، މިހާތަނަށް ގެނެވުނު ބަދަލުތަކަކީވެސް ރައްޔިތުންނަށް މުހިންމު ކަންތައްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ އަޑުއަހައިގެން މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށާއި، ކަންކަން ނިންމުމުގައި އަބަދުވެސް ރައްޔިތުންގެ ޚިޔާލަށް އިސްކަން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް