ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ގެންނެވި އާ ބަދަލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމުގެ މަރުޙަލާ ފަށްޓަވައިފިއެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ރައީސް ވަނީ ކެބިނެޓްގެ މެންބަރުންގެ އަދަދު 20 އިން 15 އަށް މަދުކުރައްވައި، ސަރުކާރުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ.
މި އިޞްލާޙުތަކާ ގުޅިގެން ދެ ދުވަހެއްގެ މަތިން ވަޒީރުންގެ މަޖިލީހަށް އާ ބޭފުޅުން އައްޔަނުކުރައްވާފައިވާއިރު، ކުރީގެ ކެބިނެޓުން 10 ވަޒީރަކު ވަނީ މަޤާމުން ވަކިވެވަޑައިގެންފައެވެ.
މި ބަދަލުތަކަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ، އަންނަ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި މިހާރު ވަނީ ހިމަނާފައެވެ.
ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ވަޒީރުން އައްޔަނުކުރައްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބޭފުޅުންގެ ނަންތައް މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހަޅަން ލާޒިމުވެއެވެ.
މަޖިލީހަށް ނަންތައް ހުށަހެޅުމުން، ކަމާބެހޭ ކޮމިޓީން އެ ބޭފުޅުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ހަމަވޭތޯ ބަލައި ދިރާސާކުރާނެއެވެ. އޭގެ ފަހުން، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ކޮންމެ ވަޒީރަކަށް ވަކިވަކިން ރުހުން ދިނުމާމެދު ގޮތެއް ނިންމާނެއެވެ. މަޖިލީހުގެ އަޣުލަބިއްޔަތުން ރުހުން ނުލިބޭ ބޭފުޅަކަށް ވަޒީރުކަމުގެ މަޤާމެއްގައި ދެމިއެއް ނުހުރެވޭނެއެވެ.
ވަޒީރުންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުޠުތައް ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި، ދިވެހި ރައްޔިތަކަށްވުމުގެ އިތުރުން އެހެން ޤައުމެއްގެ ރައްޔިތަކަށް ނުވުމާއި، އުމުރުން 25 އަހަރު ފުރިފައިވުން ފަދަ ކަންކަން ހިމެނެއެވެ.



