ވެރިކަން ކުރާ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ކުރިން ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މޫސާ ފަތުހީ އާދަމް މިއަދު އައްޔަނުކޮށްފިއެވެ. މިކަން އެ ޕާޓީން ހާމަކޮށްފައިވަނީ މިއަދު ސޯޝަލް ޑިއާގައި ކުރި އިއުލާނެއްގެ ތެރެއިންނެވެ.
ޕީއެންސީގެ އެސްޖީގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަދި މިހާރު ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ މުއާޒު ހަލީމް މި މަހުގެ 18 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުއާޒު އެ މަގާމާ ހަވާލުވެވަޑައިގަތީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު، އޭގެ ކުރިން އެ މަގާމުގައި ހުންނެވި ޒީނާޒު އަދުނާންގެ ދައުރު ހަމަވުމުންނެވެ.
މަގާމުން ވަކިވެވަޑައިގަތުމަށްފަހު މުއާޒު ވިދާޅުވީ، ޕާޓީގެ އިދާރީ މަސައްކަތްތަކުން އެކަހެރިވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާޓީ ހަރުދަނާކުރަން ކުރައްވާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އަދި އެ މަގާމަކީ ފުރިހަމަ ވަގުތު ދެވޭނެ ބޭފުޅަކު ހުންނަންޖެހޭ މަގާމަކަށް ވާތީ، ޕާޓީގެ މަސްލަހަތަށްޓަކައި އިސްތިއުފާ ދެއްވީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.




