11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މ. މުނިޔާގެ / މާލެ، މުޙައްމަދު އަނިލް (47އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހެޅުމާއެކު، ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށާއި، މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ފުލުހުން މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 އެޕްރީލް 15 ވަނަ ދުވަހު މުޙައްމަދު އަނިލްގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މި ކުށުގެ އުގޫބާތެއްގެ ގޮތުން މުޙައްމަދު އަނިލް 16 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން މުޙައްމަދު އަނިލް، މި ދައުވާއާ ގުޅިގެން ބަންދުގައި ހުރި 4 އަހަރާއި 19 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، މުޙައްމަދު އަނިލް ތަންފީޒުކުރަންޖެހޭ އަދަބަކީ 15 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު އަދަބުކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ފުލުހުން ބުނީ މި މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި އެފަދަ މައްސަލަތައް ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެއް ކަމަށެވެ.
އަދި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި ކުޑަކުދިންނަށް ޖިންސީގޯނާކޮށް، އިހުމާލުވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް މިފަދަ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން ގެންދާނެ ކަމަށްވެސް އެ ޚިދުމަތުން ބުނެއެވެ.




