ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް "ބޮޑު ބަދަލު" ގެ ނަމުގައި މިއަދު މީޑިއާތަކާ ބައްދަލުކުރައްވާނެކަން ވަނީ ހާމަކުރައްވާފައެވެ. މި ބައްދަލުވުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ނޫސްވެރިންނަށް ދައުވަތު އެރުވީ "ބޮޑު ބަދަލު" މި ސުރުޚީގެ ދަށުން ކަމަށްވީ ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް ނަޝީދު ނުވަތަ ފައްޔާޒުވެސް އަދި ހާމައެއް ނުކުރައްވައެވެ.
މި ދެ ބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރައްވަން މި ނިންމެވީ، ލޯކަލް ކައުންސިލް އިންތިހާބަށްފަހު އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަށް ޕާޓީގެ ޗެއާޕާސަން 6 މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލާފައިވާ ދަނޑިވަޅެއްގައެވެ. މި ކޮމެޓީގައި ރައީސް ނަޝީދާއި ފައްޔާޒުވެސް ހިމެނިވަޑައިގަންނަވާއިރު، ރައީސް ނަޝީދަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުކަން އެރުވުމަށްވެސް ވަނީ ނިންމާފައެވެ.



