ނަލަހިޔާ ރެޒިޑަންސްގެ ވައްކަން: އިތުރު މީހަކު ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކޮށްފި

ނަލަހިޔާ ރެޒިޑަންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ 2026 މާރިޗު 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅުނު، މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު 2026 އޭޕްރީލް 16 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖަޒީލާމަންޒިލް / ހދ.ނޮޅިވަރަންފަރު، ޖަޒީލު މުޙައްމަދު (47އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. މިއީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 5 ވަނަ މީހާއެވެ.

މީގެ ކުރިން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކަސްތޫރިމާގެ / ޅ.ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި މޫންލައިޓްވިލާ / ސ.މީދޫ، މުޙައްމަދު އަފްރާޙް (40އ) އާއި ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ) އަދި މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ) އެވެ.

މި ވައްކަމުގައި ޖުމުލަ ހަތަރު މިލިއަން ދިވެހި ރުފިޔާ ވަގަށް ނަގާފައިވާއިރު، އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 ދިވެހި ރުފިޔާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް