ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރަން އަންގައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް ދަށްކުރުމަށް ފިނޭންސް މިނިސްޓްރީ އިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޕީ.ސީ.ބީގެ ރައީސް މުޙައްމަދު އަނަސްއަށް 17 އެޕްރީލް 2026 ގައި ފޮނުއްވި ސިޓީއެއްގައި މިކަން ހާމަކުރައްވާފައިވަނީ، ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، މާލީ ކަންކަން މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމުގެ މަގްސަދުގައެވެ.

މި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން، ކުންފުނިތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށާއި، އިންސާނީ ވަސީލަތްތައް މެނޭޖްކުރުމުގައި އިތުރަށް ސަމާލުކަން ދިނުމުގެ އިތުރުން، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.

މިގޮތުން މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމުގެ އިތުރުން، ވަޒީފާއަށް މީހުން އައްޔަންކުރުމުގައި ތަޢުލީމާއި ހުނަރަށް ބަލައިގެން މީހުން ހޮވާ "މެރިޓް ބޭސްޑް" އުސޫލަށް ފުރިހަމައަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ. މިއީ އެންމެ ގާބިލު ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ދީ، ކުންފުނިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ނިންމި ނިންމުމެކެވެ.

ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މިއީ ދައުލަތުގެ މާލީ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތައް ހިންގުމަށްޓަކައި މިވަގުތު ކޮންމެހެން ބޭނުންތެރި ފިޔަވަޅުތަކެކެވެ. އަދި މިކަންކަން ތަންފީޒުކުރުމަށް ކުންފުނިތަކަށް އެންގުމަށާއި، އެކަން ހިނގާގޮތް މޮނިޓަރކޮށް، ގަވާއިދުން އަދާހަމަ މަޢުލޫމާތު ހިއްސާކުރުމަށް ޕީ.ސީ.ބީއަށް ވަނީ އަންގާފައެވެ.

މި އިރުޝާދުތަކަކީ ޚަރަދު ކުޑަކުރުމަށް ޕީ.ސީ.ބީން މީގެ ކުރިން ނެރެފައިވާ އުސޫލުތަކަށް އިތުރުކުރެވުނު ކަންތައްތަކެކެވެ. މީގެ ކުރިން އަންގާފައިވާ ކަންކަމުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކޮންޓްރޯލްކުރުމާއި، ކޮންމެހެން ބޭނުންވާ ހާލަތެއްގައި ނޫނީ އައު މުވައްޒަފުން ނުނެގުމާއި، އިތުރުގަޑީގެ މަސައްކަތާއި ދަތުރުފަތުރުގެ ޚަރަދުތައް ކުޑަކުރުން ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް