މުޢާޒު، ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން އިސްތިޢުފާ ދެއްވައިފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން މުޢާޒު ޙަލީމް އިސްތިޢުފާ ދެއްވައިފިއެވެ.

ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ މުޢާޒު މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން މުޢާޒު ވިދާޅުވީ އޭނާ އިސްތިޢުފާ ދެއްވީ ޕީއެންސީގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާތީ ކަމަށެވެ.

އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި އޭނާ އަށް ވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ، މިއަދުން ފެށިގެން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން އިސްތިޢުފާ ދެއްވީ ކަމަށް މުޢާޒު ވިދާޅުވިއެވެ.

މުޢާޒު، ޕީއެންސީގެ އެސްޖީގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ 13 ޖަނަވަރީ 2025 ގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް