ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" އިން ދެ ހަފުތާގެ މުއްދަތަށް ދިން ހިލޭ ދަތުރުތަކަށް ފަހު، މިއަދުން ފެށިގެން ދަތުރުތަކަށް ފައިސާ ނަގަން ވަނީ ފަށާފައެވެ.
މި ޚިދުމަތް ހިންގާ އެމްޓީސީސީން ހާމަކުރި ގޮތުގައި، ދަތުރުތަކަށް ފައިސާ ދެއްކުމަށް އެ ކުންފުނީގެ ވެބްސައިޓާއި ކިއުއާރު ކޯޑް ބޭނުންކުރެވޭނެއެވެ. ނަމަވެސް، ޓެކްސީ ބުކް ކުރުމުގެ ކަންކަން އަދިވެސް ކުރިއަށްދާނީ އެކަމަށް ޚާއްސަކޮށްފައިވާ ހޮޓްލައިން މެދުވެރިކޮށެވެ. މި ޓެކްސީތަކުން އަގު ނަގާނީ މާލެ، ހުޅުމާލެ އަދި އެއާޕޯޓާ ދެމެދު ދަތުރުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިހާރުވެސް ކަނޑައަޅާފައިވާ ރަސްމީ ރޭޓުތަކަށެވެ.
މާލޭގައި ޓެކްސީ ހޯދުމަށް އާންމުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި މި މަހުގެ 2 ވަނަ ދުވަހު ފެށި މި ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. އެމްޓީސީސީގެ އަމާޒަކީ ރައްޔިތުންނަށް އިތުބާރު ހިފޭ، ރައްކާތެރި އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށްދިނުމެވެ.
ފުރަތަމަ އެއް ހަފުތާގެ މުއްދަތަށް ހިލޭ ދަތުރުކޮށްދޭން ނިންމި ނަމަވެސް، ފަހުން އެ މުއްދަތު ވަނީ ދެ ހަފުތާއަށް އިތުރުކޮށްފައެވެ. މި ޚިދުމަތުގައި ތަފާތު ތިން ބާވަތެއްގެ ކާރު ބޭނުންކުރެއެވެ. އެއީ މާލެ ތެރޭގެ ދަތުރުތަކަށް ޚާއްސަ "ލުމިން" މޮޑެލްގެ ކާރުތަކާއި، މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓާ ދެމެދު ދަތުރުކުރުމަށް ބޭނުންކުރާ "ޑީޕަލް އެސްފައިވް" އަދި "ޑީޕަލް އެސްސެވަން" މޮޑެލްގެ ކާރުތަކެވެ.





