ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުން މިހާރު ވަނީ ފަށާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާ މި ވޯޓުލުމުގެ މަސައްކަތްތައް ހުރިހާ މަރުކަޒެއްގައިވެސް މިހާރު ވަނީ ފެށިފައެވެ. ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު އެއްވަރުވުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާ ހުރެ އަލުން ވޯޓުލާން ޖެހިފައިވަނީ ޖުމްލަ 5 ދާއިރާއެއްގައެވެ.
އަލުން ވޯޓުލުން ކުރިއަށްދާ ދާއިރާތަކުގެ ތެރޭގައި ހދ. ނޭކުރެންދޫ އަދި ލ. މާވަށު އަންހެނުންގެ ކޮމިޓީގެ މެންބަރުކަމާއި، ހއ. ކެލާ ކޮމިޓީގެ ރައީސް ހޮވުން ހިމެނެއެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީގެ ދަޑިމަގު ދާއިރާގެ ކައުންސިލް މެންބަރު ހޮވުމަށާއި، ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑިއަށް މެންބަރަކު ހޮވުމަށްވެސް މިއަދު ވޯޓުލުން ކުރިއަށްދެއެވެ. މި އިންތިޚާބަށްޓަކައި މާލެއާއި އަތޮޅުތެރޭގައި ޖުމްލަ 14 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ތިން ސްކޫލެއްގައެވެ. އެގޮތުން ދަރުމަވަންތަ ސްކޫލުގައި ދަޑިމަގު ދާއިރާގެ ފޮށި ބަހައްޓާފައިވާއިރު، ކެލާ އަދި ދޮންފަނު ދާއިރާގެ ފޮށިތައް ހުރީ ތާޖުއްދީން ސްކޫލުގައެވެ. އަދި މާވަށާއި ނޭކުރެންދޫ ރައްޔިތުން ވޯޓުލުމަށް ހަމަޖެހިފައިވަނީ ހިރިޔާ ސްކޫލުގައެވެ.
މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 294،876 މީހުންގެ ތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ. މި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް މުޅި ރާއްޖޭގައި ޖުމްލަ 582 ވޯޓު ފޮށި ވަނީ ބޭނުންކޮށްފައެވެ.





