ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ނިންމަވާލެއްވުމަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ ރާއްޖެ ވަޑައިގެންފިއެވެ.
ސީވީއެފް އަކީ 2009 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި، ރާއްޖެއާއި އިތުރު ގައުމުތައް ގުޅިގެން އުފެއްދި ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މައިގަނޑު އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި، ތިމާވެއްޓާ އެކުވެރި ނިޒާމުތަކެއް ގާއިމުކޮށް، މެމްބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ މުޅިން އިޔާދަކުރަނިވި ހަކަތައަށް ހެދުމެވެ.
ސިޔާސީ ކަންކަމާ ވަގުތީގޮތުން ދުރަށްޖެހިވަޑައިގަންނަވާކަން 12 ޑިސެމްބަރު 2023 ގައި އިއުލާނުކުރެއްވިއިރު، ރައީސް ނަޝީދު ވަނީ ސީވީއެފްގެ އެސްޖީގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެކަން ހާމަކުރައްވާފައެވެ.
އެމަނިކުފާނު ސިޔާސީ ދާއިރާއާ ދުރަށްޖެހިވަޑައިގަތީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ޕާޓީން ވަކިވެވަޑައިގެން، މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު، 'ދަ ޑިމޮކްރެޓްސް' އުފެއްދުމުގައި އިސްކޮށް އުޅުއްވުމަށްފަހުގައެވެ.
އެހެންނަމަވެސް، އެމްޑީޕީގެ ތެރޭގައި އޮތް ނުތަނަވަސްކަން މިހާރު ކުޑަވެފައިވާއިރު، ރައީސް ނަޝީދު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި ދާދިފަހުން އެ ޕާޓީ ހިންގުމާ ހަވާލުވި އިސް ބޭފުޅުންގެ ތެރޭގައިވެސް އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ.




