ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ. މީގެ އިތުރުން، މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އެއްވެސް ކަހަލަ ކެމްޕެއިން ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.
މި އިންތިޚާބުގެ ދެވަނަ ބުރު ކުރިއަށްދާނީ ޖުމްލަ 5 ދާއިރާއެއްގައެވެ. އެއީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަށް ކައުންސިލަރަކު އިންތިޚާބު ކުރުމަށެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބަލާއިރު، ހއ. ކެލާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުން ހޮވުމަށް ވޯޓުލުން ބޭއްވޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މާލެ ހިމެނޭހެން މި ދާއިރާތަކަށް ޖުމްލަ 14 ވޯޓު ފޮއްޓެއް ބެހެއްޓުމަށެވެ. އެގޮތުން ކެލާ، މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ކޮންމެ ރަށެއްގައި 2 ފޮށި ބަހައްޓާއިރު، ނޭކުރެންދޫ އާއި ދޮންފަނުގައި ބަހައްޓާނީ ރަށަކަށް 1 ފޮއްޓެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު 6,093 މީހަކަށް ލިބިގެންވެއެވެ. ތަފްސީލަށް ބަލާއިރު ކެލާ އިން 1,729 މީހުން، ނޭކުރެންދޫ އިން 1,056 މީހުން، ދޮންފަނުން 441 މީހުން، މާވަށުން 1,556 މީހުން އަދި ފުވައްމުލައް ދަޑިމަގު އަވަށުން 1,311 މީހުންނަށް ވޯޓުލެވޭނެއެވެ.
މާލޭގައި ދިރިއުޅޭ މި ދާއިރާތަކުގެ ރައްޔިތުންނަށް 6 ވޯޓު ފޮއްޓެއް ވަނީ ހަމަޖައްސާފައެވެ. ކެލާ އަދި ދޮންފަނުގެ މީހުންނަށް ތާޖުދިއްދީން ސްކޫލުގައި، ނޭކުރެންދޫ އާއި މާވަށުގެ މީހުންނަށް ހިރިޔާ ސްކޫލުގައި، އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ މީހުންނަށް ދަރުމަވަންތަ ސްކޫލުގައި ވޯޓު ފޮށި ބަހައްޓާނެއެވެ.





