ސިޓީތަކާއި ލޯކަލް ގަވަރމަންޓާ ބެހޭ ވުޒާރާ އުވާލުމުގެ ސަބަބުން ގާނޫނީ ގޮތުން އެއްވެސް ދަތިކަމެއް ނުވަތަ ހުސްކަމެއް ކުރިމަތިވެދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފިއެވެ.
އެލްޖީއޭއިން މިކަން ހާމަކުރީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާއި އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމުމާ ގުޅިގެން، އިދާރީ ދާއިރާތައް ހިންގުމުގައި ގާނޫނީ ހުސްކަމެއް އުފެދިދާނެ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން މިއަދު ނެރުނު ބަޔާނެއްގައެވެ.
އެ އޮތޯރިޓީން ފާހަގަކުރި ގޮތުގައި، ގާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި އުސޫލުން ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ގާނޫނުއަސާސީން ލާޒިމުކުރާ ކަމެކެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުން ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ އެލްޖީއޭގެ ޒިންމާއެއްކަން އެ އިދާރާއިން ފާހަގަކުރިއެވެ. މީގެ އިތުރުން، ލާމަރުކަޒީ ގާނޫނަށް ގެނައި 17 ވަނަ އިސްލާހުގެ ދަށުން އަތޮޅު ކައުންސިލްތައް އުވާލައި، އެ ކައުންސިލްތަކުގެ ގާނޫނީ މަސްއޫލިއްޔަތުތަކާއި ހިދުމަތްތައް ދިނުމުގެ ޒިންމާ މިހާރު މަތިކޮށްފައިވަނީ އެލްޖީއޭއަށެވެ. އަދި އަތޮޅު ކައުންސިލްތަކުގެ މިލްކިއްޔާތުގައި ހުރި މުދަލާއި ވަސީލަތްތައް ވެސް އެލްޖީއޭއަށް ބަދަލުވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި އެކި ސަރަހައްދުތަކުގައި އެލްޖީއޭގެ އޮފީސްތައް ހުޅުވުމުގެ ބާރުވެސް ގާނޫނުން ލިބިދީފައިވާކަން އެ އޮތޯރިޓީން ފާހަގަކުރިއެވެ. އެހެންކަމުން، ސިޓީތަކާއި ލޯކަލް ގަވަރމަންޓާ ބެހޭ ވުޒާރާ އުވާލި ނަމަވެސް، ލާމަރުކަޒީ ނިޒާމު ހިންގުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް އެލްޖީއޭއިން ބުންޏެވެ.
މި ބަދަލުތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ކެބިނެޓަށް ގެންނެވި ބޮޑު ބަދަލުގެ ތެރެއިން، ބައެއް ވުޒާރާތައް އުވާލައި އަދި ބައެއް ވުޒާރާތައް އެއްކޮށްލުމަށް ނިންމެވި ނިންމެވުމުގެ ބައެކެވެ.




