ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ "ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރު" ގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު، މިއަދު ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ސައުދީ ސަރުކާރުގެ ފަރާތުން މި ކަދުރު ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ކަދުރާ ހަވާލުވެލެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

22 އަހަރުވީ މެދުކެނޑުމެއް ނެތް އެހީތެރިކަން

މި ރަސްމިއްޔާތަށްފަހު ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، 2004 ވަނަ އަހަރުން ފެށިގެން މިވީ 22 އަހަރުގެ ތެރޭގައި ސައުދީ އަރަބިއްޔާއިން އަންނަނީ މެދުކެނޑުމެއް ނެތި ރާއްޖެއަށް ކަދުރު ހަދިޔާކުރަމުން ކަމަށެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި އަދި އުހުއްވަތްތެރި ގުޅުން ދައްކުވައިދޭ ރަމްޒެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ސައުދީ ސަރުކާރާއި ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން ދިވެހިރާއްޖެއަށް ދެއްވާ ހާއްސަ އަހަންމިއްޔާތާއި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން،" ވަޒީރު ވިދާޅުވިއެވެ.

ކަދުރު ބެހުމުގެ އިންތިޒާމު

މިއަދު ހަވާލުކުރި 50 ޓަނުގެ ކަދުރުގެ އިތުރުން، ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން ވެސް ވަނީ 10 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެ ކަދުރުތައް މިހާރު ވަނީ އެކި ދާއިރާތަކަށް ބަހާފައެވެ.

މިއަދު ލިބުނު 50 ޓަނުގެ ކަދުރު ވެސް، ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން ރައްޔިތުންނަށް ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް