ޑިފެންސް މިނިސްޓްރީގެ ނަން، "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް"ގެ ނަމަށް ބަދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޑިފެންސް މިނިސްޓްރީގެ ނަން، "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް"ގެ ނަމަށް ބަދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ޑިފެންސް މިނިސްޓްރީގެ ނަން ބަދަލުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ކަމަށެވެ.

މިނިސްޓްރީ އޮފް ޑިފެންސްގެ ނަން، މިގޮތަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ މިނިސްޓްރީއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ، "ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ" އެވެ.

އަދި ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް" އަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހާތަނަށް މިނިސްޓްރީ އޮފް ޑިފެންސަށް ހަމަޖައްސަވައިފައިވާ ނަންބަރު 28 ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ޑިފެންސް މިނިސްޓްރީގެ ނަން ބަދަލުކުރައްވާފައިވާއިރު، ރައީސް ވަނީ އިއްޔެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، އަލްފާޟިލް ޙަސަން ރަޝީދު ޢައްޔަންކުރައްވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް