ދިން މިޔަރު ހަމަލާއެއްގައި ފަތުރުވެރިއެއްގެ އެއް ފައި ބުރިކުރަން ޖެހިއްޖެ

ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ބޭރުގެ ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީ، ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން އޭނާގެ އެއް ފައި ބުރިކޮށްލަން ޖެހިއްޖެއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި އަނިޔާވި މީހާއަށް ފުރަތަމަ ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ އިތުރު ފަރުވާއަށް މާލެއަށް ބަދަލުކޮށްފައެވެ. މި ހަމަލާގައި އެ މީހާގެ ދެ ފަޔަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޑޮކްޓަރުން ވަނީ އޭނާގެ އެއް ފައި ބުރިކޮށްލާފައެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންގެ އެލިކަންޓޭއަށް ނިސްބަތްވާ އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ބޯޖާއަށެވެ. އޭނާ ރާއްޖެ އައީ ކައިވެންޏަށްފަހު އޭނާގެ އަނބިމީހާ އާނާއާއެކު ހަނީމޫން ހޭދަކުރުމަށެވެ. އާއިލާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މިޔަރު ދިން ހަމަލާގައި އޭނާގެ ކަކުލުން ތިރީގެ ބޮޑު ބައެއް ވަނީ ކާލާފައެވެ.

ރާއްޖޭގެ ކަނޑުތަކުގައި މިޔަރުގެ ހަމަލާތައް ދޭތެރެދޭތެރެއިން ހިނގަމުންދާއިރު، މިޔަރުގެ އާބާދީ އިތުރުވުމުގެ ސަބަބުން މަސްވެރިންނާއި ފަތުރުވެރިންނަށް އޮތް ނުރައްކާ ބޮޑުވަމުންދާކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް