ބީއެމްއެލްގެ ނަމުގައި އަނެއްކާވެސް ސްކޭމް ކޯލްތަކެއް، ސަމާލުވޭ!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް ގުޅައި ފައިސާ ފޭރުމުގެ އަމަލުތަކެއް ހިންގަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިހާރަކަށް އައިސް ބީއެމްއެލްގެ މުވައްޒަފުންގެ ނަމުގައި އިނގިރޭސި ބަހުން ވަރަށް "ޕްރޮފެޝަނަލްކޮށް" ވާހަކަދައްކައިގެން މީހުންގެ އިތުބާރު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ބޭންކުގެ ރަސްމީ އީމެއިލްތަކާ ވައްތަރު ގޮތްގޮތަށް ހުންނަ ޖީމެއިލް އެކައުންޓްތައް (މިސާލަކަށް: [email protected]) ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިގޮތުން އެންޓި-ސްކޭމް ސެންޓަރުން ބުނީ ސްކޭމަރުން އާންމުކޮށް ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި، އެކައުންޓަށް މައްސަލައެއް ދިމާވެފައިވާ ކަމަށް ބުނުމާއި، ވަގުތުން މަޢުލޫމާތު "ވެރިފައި" ކުރަންޖެހޭ ކަމަށް ބުނެ ބިރުދެއްކުން ހިމެނޭ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ވަނީ އާންމުން ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކެއް ހިއްސާކޮށްފައެވެ. މިގޮތުން ބޭންކުން އެއްވެސް ހާލެއްގައި ޖީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނަށް ނުގުޅާނެ ކަމަށާއި، ބޭންކުން ދުވަހަކުވެސް ކަސްޓަމަރުންގެ އޯޓީޕީ، ޕިން ނުވަތަ ޕާސްވޯޑަކަށް ނޭދޭނެ ކަމަށާއި، މީހަކު އިނގިރޭސި ބަހުން މޮޅަށް ވާހަކަދެއްކުމަކީ އެއީ ބޭންކުގެ މުވައްޒަފެއްކަން ކަށަވަރުވާ ކަމެއް ނޫން ކަމަށްވެސް އެންތި-ސްކޭމް ސެންޓަރުން ބުންޏެވެ.

ފުލުހުން ވަނީ މިފަދަ ކޯލެއް ލިބިއްޖެނަމަ ވަގުތުން ފޯނު ކަނޑާލުމަށާއި، އެއްވެސް ޒާތީ މަޢުލޫމާތެއް ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި އެފަދަ ކަންކަން ބޭންކުގެ ރަސްމީ ނަންބަރުތަކަށް ގުޅައިގެން ކަށަވަރުކުރުމަށާއި، ސްކޭމް ކުރަން ގުޅާ ނަންބަރުތައް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށްވެސް ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް