ގުޅިފަޅުގައި މަގުތައް ހެދުމާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ޗައިނާގެ ސީއެމްއީސީ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން، އެ މަޝްރޫއު ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ސަރުކާރުން ހަވާލުކޮށްފި ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުއްﷲ މުއްތަލިބް ހާމަކުރައްވައިފިއެވެ.
މާލޭގެ ރައްޔިތުންނަށް ބިން ދޫކޮށްފައިވާ ގުޅިފަޅުގެ ތަރައްގީގެ މަސައްކަތްތައް ކުރުމަށް ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަނާ އެންމެ ފުރަތަމަ ހަވާލުކުރީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. މި މަޝްރޫއުގެ ތެރޭގައި މަގު ހެދުމުގެ އިތުރުން ފެނާއި ނަރުދަމާ، ކަރަންޓު ވިއުގަ އަދި ޑީވޯޓަރިން ފަދަ މުހިންމު ހިދުމަތްތައް ގާއިމުކުރުން ހިމެނެއެވެ. ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން އެ ކުންފުންޏަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެ، މަސައްކަތް ވަނީ މަޑުޖެހިފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބޭރުގެ ކުންފުންޏަށް ފައިނޭންސް ހަމަނުޖެހި މަޝްރޫއު ލަސްވަމުންދާތީ، ސަރުކާރުގެ ކުންފުނި އާރުޑީސީ މެދުވެރިކޮށް އެ މަސައްކަތް އަވަހަށް ފެށުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ މެޝިނަރީޒް އާރުޑީސީއަށް މިހާރު ގެނެސްފައިވާ ކަމަށާއި، ބޭރުގެ އެހީ ނުލިބުނު ނަމަވެސް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ވިޔަސް މި މަސައްކަތް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މުއްތަލިބް ވިދާޅުވިއެވެ.



