ލަޔާގަތާއި ގާބިލުކަން ތަންދިން އެންމެ މަތީދަރަޖައަކަށް ރާއްޖެއަށް ޚިދުމަތް ކުރުމުގައި ދެމިހުންނާން: އިޙްސާން

ލަޔާގަތާއި ގާބިލުކަން ތަންދިން އެންމެ މަތީދަރަޖައަކަށް ރާއްޖެއަށް ޚިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އިއްޔެ ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރެއްވި 12 ވަޒީރުންގެ ތެރޭގައި އެމަނިކުފާނުވެސް ހިމެނިވަޑައިގަތުމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރުގެ ޕޯސްޓުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ" މިނިސްޓަރުކަމަށް، އެމަނިކުފާނު އައްޔަން ކުރެއްވުން ބަލައިގަންނަނީ ނުހަނު ފަޚުރުވެރިކަމާއި އުފަލާއެކުގައިކަން ފާހަގަކުރައްވާފައެވެ.

އަދި މިނިސްޓްރީގެ ގާބިލު ހީވާގި ޓީމާއެކު ވަރުބަލިވުމެއް ނެތި މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަ ކުރުމަށާއި ދިވެހި މަސައްކަތްތެރިން ބާރުވެރިކޮށް ހައްގުތައް ހޯދައި ދިނުމަށާއި، ކުރިއަރާފައިވާ ފަންނިއްޔާތުގެ އެހީގައި ރައްކާތެރި ބާއްޖަވެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް ކަމަށް ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

"‏އަޅުގަނޑުގެ ލަޔާގަތާއި ގާބިލުކަން ތަންދިން އެންމެ މަތީދަރަޖައަކަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމުގައި އަބަދުމެ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން. ގުޅިގެން ބަދަހި ރައްކާތެރި އީޖާދީ މުސްތަގުބަލެއް ބިނާކުރަމާހިންގަވާ"، ވަޒީރު ވިދާޅުވިއެވެ.

އިތުބާރުކުރައްވައި ހަވާލުކުރެއްވި މަތިވެރި މަސްއޫލިއްޔަތުތަކަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާ ގޮތަށް އިއްޔެ ބަދަލުތަކެއް ގެންނަވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް