ސަރުކާރަށް އެމްޑީޕީން 12 ޑިމާންޑެއް ކުރިމަތިކޮށްފި

ދައުލަތް ހިންގުމުގެ ނިޒާމު އިސްލާހުކޮށް، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ރޭ ޚާއްސަ ގަރާރެއް ފާސްކޮށްފިއެވެ. މި ގަރާރުގައި ސަރުކާރުން މިހާރުން މިހާރަށް އިސްލާހު ކުރަންޖެހޭ 12 މުހިންމު ކަމެއް ވަނީ ހުށަހަޅާފައެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ގަރާރު އިއްވަވައިދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

އެމްޑީޕީގެ 12 ޑިމާންޑް:

  1. މުއައްސަސާތަކުގެ މިނިވަންކަން: މިނިވަން މުއައްސަސާތަކުގެ ރައީސުން އައްޔަންކުރުމުގެ ބާރު އަލުން ރައްޔިތުންގެ މަޖިލީހަށް ދިނުން.

  2. ބިޑް ކުރުން: ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް އޮތް އުސޫލުތައް ބަދަލުކުރުން.

  3. އެންޓި-ޑިފެކްޝަން އުވާލުން: މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކުރުން.

  4. ލާމަރުކަޒީ ނިޒާމު: ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބޭ ގޮތަށް ގާނޫނުތައް އިސްލާހުކުރުން.

  5. ކޮރަޕްޝަން ބެލުން: ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުން.

  6. ސިޔާސީ މަގާމުތަކުގެ ތަފްސީލް: ސިޔާސީ މަގާމުތަކުގެ އަދަދާއި، ކުންފުނިތަކަށް އައްޔަންކުރި މީހުންގެ ތަފްސީލް ހާމަކުރުން.

  7. މަސްވެރިންނަށް އެހީ: މަސްވެރިންނަށް ތެލުގެ ސަބްސިޑީ ފޯރުކޮށްދިނުން.

  8. ޝަރުއީ ދާއިރާ: ޖޭއެސްސީ އިސްލާހުކޮށް، ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރުން.

  9. މުއައްސަސާތަކުގެ އިސްވެރިން: އޭސީސީ އާއި އީސީ ފަދަ ތަންތަނަށް ގާބިލް ބޭފުޅުން އައްޔަންކުރުން.

  10. އިގްތިސާދީ ދެފުށް ފެންނަ ސިޔާސަތު: ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ރައްޔިތުންނަށް ހާމަކުރުން.

  11. ގާނޫނުއަސާސީ އިސްލާހުކުރުން: ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތައް ހިމެނޭ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ނޫނީ ގާނޫނުއަސާސީއަށް ބަދަލު ނުގެނައުން.

  12. ތިމާވެށި ހިމާޔަތްކުރުން: ތިމާވެއްޓަށް ގެއްލުންވާ މަޝްރޫއުތައް ހުއްޓާލައި، އީޕީއޭއަށް މިނިވަންކަން ދިނުން.

"އިހުތިޖާޖަށް މަގުމައްޗަށް"

މީކާއީލް ވިދާޅުވި ގޮތުގައި މި ކަންކަން އިސްލާހު ކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ރައްޔިތުންގެ ހައްގުގައި ދިގުދެމިގެންދާ އިހުތިޖާޖުތަކެއް އެމްޑީޕީން ކުރިއަށް ގެންދާނެއެވެ. މި ގަރާރު ފާސްކުރުމަށްފަހު ރޭގެ ވަގުތެއްގައި އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވަނީ މަގުމައްޗަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މި ގަރާރަކީ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރި ވަރުގަދަ ނިންމުމެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް