މީގެ ތިން އަހަރު ކުރިން، ރަހުމުކުޑަކޮށް ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލާގައި އަލީ ޝާހިލުގެ މައްޗަށް އުފުލާފައިވާ އޮރިޔާން ކާޑު ގެންގުޅުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ ސާބިތުވެ، ތިން އަހަރުގެ ޖަލު ހުކުމެއް މިއަދު ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
އުމުރުން 22 އަހަރުގެ ޝިއާއު މަރާލުމަށް ފަހު ބޯ ހިމެނޭހެން ހަށިގަނޑުގެ ގުނަވަންތަކެއް ވަކިކޮށްފަ އޮއްވާ ފެނިފައިވަނީ ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރޭން، 6 އޮގަސްޓް 2022ގަ އެވެ. ޝިއާއުގެ ރަހުމަތްތެރިޔެެއް ކަމަށްވާ ޝާހިލު ހައްޔަރުކުރީ ވެސް އެރޭ އެ އެޕާޓުމަންޓުގެ ތެރޭން ކުށުގެ ވެށިންނެނެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް ސިއްރުކޮށްފައިވާ ދެ ދައުވާއަކާއެކު ޖުމްލަ ފަސް ދައުވާއެއް ކުރެ އެވެ. އޭގެތެރޭން މިއަދު ހުކްމް އިއްވީ، އޮރިޔާންކާޑު ގެންގުޅުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާގަ އެވެ. މިދައުވާތައް ސާބިތުވެ އޭނާގެ މައްޗަށް އިއްވީ ތިން އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ދެން މި މައްސަލާގައި ހުކުމް އިއްވުމަށް ބާކީ އޮތީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން ދައުވާގެ ބާވަތް ސިއްރުކޮށްފައިވާ ދެ ދައުވާއެކެވެ. މި ދައުވާތަކުގެ ހުލާސާ ބަޔާން އިއްވުން މި މަހުގެ 27 އަށް ވަނީ ތާވަލުކޮށްފަ އެވެ.




