ރަސްފަންނު ބޭރު ތޮށި މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

ރަސްފަންނުގެ ބޭރުތޮށި މަރާމާތުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމީކޮށް ފަށައިފިއެވެ.

މި މަރާމާތުގެ މަސައްކަތަށްޓަކައި، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރަސްފަންނު ސަރަހައްދު ވަނީ ވަގުތީ ގޮތުން އާންމުންނަށް ބަންދުކޮށްފައެވެ.

މި މަޝްރޫއާ ގުޅޭގޮތުން އެމްޓީސީސީން ހާމަކުރި ގޮތުގައި، ރަސްފަންނު އަލުން ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބޭރުތޮށި މަރާމާތުކުރުމުގެ އަމަލީ މަސައްކަތެވެ.

ރަސްފަންނަކީ މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުން ހިތްފަސޭހަކޮށްލުމަށް ބޭނުންކުރާ މުހިންމު މަރުކަޒަކަށްވާތީ، އެ ކުންފުނީގެ އެންމެ ބޮޑު އިސްކަމަކީ ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މި މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ރަސްފަންނު ސަރަހައްދު އިތުރަށް ތަރައްޤީކޮށް، އެ ސަރަހައްދަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި އެމްޑަބްލިއުއެސްސީއާއެވެ.

މި މަޝްރޫއުގެ ދަށުން ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާއި، ބޭރުތޮއްޓަށް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގެ ފެން ދައުރުވުން އިތުރުކުރުމުގެ އިތުރުން، އެ ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް