ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެ މީހުންގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހުށަހެޅޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ގަވާއިދުތަކަށް ބަދަލު ގެންނަމުންދާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބު ހާމަކުރައްވައިފިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްގެން ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދެމިއޮންނާނެއެވެ.

ވަޒީރު ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން ފްލެޓަށް އެދުމުގެ ޝަރުތުތައް މުރާޖައާކޮށް، އެފަދަ ފަރާތްތަކުގެ ބެލެނިވެރިންނަށްވެސް ކުރިމަތިލެވޭނެ ގޮތަށް އުސޫލުތައް އިސްލާހުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، މި ކެޓަގަރީން ކުރިމަތިލާ ފަރާތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ކަށަވަރުކުރުމަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށަހެޅޭނެ ކަމަށްވެސް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.

ކުރިން އަމަލުކުރަމުން އައި އުސޫލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ކެޓަގަރީއެއް އޮތް ނަމަވެސް، އޭރު ޖެހެނީ ހަމައެކަނި އެކަން ފާހަގަކޮށްލާށެވެ. ނަމަވެސް މިދިޔަ ފެބްރުވަރީ މަހު ގެނައި ބަދަލާއެކު، މި ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ވަނީ ލުއިކޮށްދީފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި މެދުނުކެނޑި 5 އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށްވެސް މިހާރު ފްލެޓަށް އެދި ހުށަހެޅޭނެއެވެ.

ހަމައެއާއެކު، ރަށުން ނުވަތަ އަތޮޅުން ލިބެން ނެތް ފަރުވާ ހޯދުމަށްޓަކައި މާލެ ސަރަހައްދަށް ބަދަލުވާންޖެހިފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މި އުސޫލުގެ ދަށުން ފުރުސަތު ލިބެއެވެ. އެގޮތުން، ސިއްހީ ހާލަތާއި މާލީ ދަތިކަމުގެ ސަބަބުން މާލޭގައި ދިރިއުޅެން މަޖުބޫރުވެ، ވޭތުވެދިޔަ އެއް އަހަރު ދުވަހު މާލެ ސަރަހައްދުން ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ޚާއްސަ ކެޓަގަރީގެ ދަށުން ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް