ފީއަލީ ފަޅުގައި އޮތް ތެއޮ ބޯޓެއްގައި ރޯވެފައި..

ފ. ފީއަލީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެރަށުގެ މަސްވެރިކަމަށް ލިބުނު ބޮޑެތި ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ފިޝަރީސް މިނިސްޓްރީން ފަށައިފިއެވެ.

މިގޮތުން، ހާލަތު ދެނެގަތުމަށްޓަކައި އެ ވުޒާރާގެ ޚާއްސަ ވަފުދެއް މިހާރު ވަނީ އެރަށަށް ގޮސްފައެވެ.

ވޭތުވެދިޔަ ބުރާސްފަތި ދުވަހު ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު، ތެޔޮ ބޯޓުގެ އިތުރުން މަސްވެރިކަން ކުރާ ތިން އުޅަނދަކާއި ރަށުގެ އައިސް ޕްލާންޓް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. ސަރުކާރުގެ އަމާޒަކީ މި ހާދިސާގައި މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު އުނިކަން ވަޒަންކޮށް، އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ހާދިސާގައި އަނދައިގެން ދިޔަ 25 ޓަނުގެ އައިސް ޕްލާންޓަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޮޕަރޭޝަނަށް ގެނައި ތަނެކެވެ. މިފްކޯއިން ފާހަގަކުރި ގޮތުގައި، އަލިފާން ރޯވި ތެޔޮ ބޯޓާއި އައިސް ޕްލާންޓާ ދެމެދު ހުރީ އެންމެ 15 ފޫޓުގެ ދުރުމިނެކެވެ. މި އައިސް ޕްލާންޓަކީ ފެނަކައިން މިފްކޯއާ ހަވާލުކުރުމަށްފަހު ފާއިތުވި އަހަރުގެ ޖޫން މަހުން ފެށިގެން ހިންގަމުން އައި ތަނެކެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި ފާނަ މަސްވެރިކަން ކުރާ ދެ ދޯންޏަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިތުރު އުޅަނދުތަކަކަށްވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މި ގެއްލުންތަކަށް އަވަސް ފަރުވާއެއް ހޯދައިދިނުމަށެވެ.

މި ހާދިސާގައި ތެޔޮ ބޯޓުގައި މަސައްކަތްކުރާ ބިދޭސީއަކު ވަރަށް ބޮޑަށް ފިހިގެން ފަރުވާ ދެމުންދާއިރު، ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 ހާއިރު ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މެންދުރުފަހު 13:50 ހާއިރުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް