ލަންކާގެ ރައީސާއި ރައީސް މުއިއްޒު: --- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ލަންކާގެ މީޑިއާތަކުން މި ޚަބަރު ފެތުރި ނަމަވެސް، ރައީސްގެ މި ދަތުރުފުޅު އޮންނާނެ ސީދާ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރައީސް ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގެ ތައްޔާރީތަކުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ.

ވަކިން ހާއްސަކޮށް، މަސްވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް އިސްކަންދެމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި އެ ގައުމުގެ ފިޝަރީޒް މިނިސްޓަރު ދާދި ފަހުން ބޭއްވެވި ބައްދަލުވުމެއްގައި، ރައީސްގެ މި ދަތުރުފުޅުގެ އިންތިޒާމުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް މީޑިއާގައި ވަނީ ފާހަގަކޮށްފައެވެ.

ދެ ގައުމުގެ ދެމެދުގައި މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމުގެ ވާހަކަތައް ކުރިއަށްދާއިރު، މިހާރުވެސް ލަންކާގެ ގިނަ އުފެއްދުންތަކެއް ރާއްޖެއަށް އިމްޕޯޓް ކުރެއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުއެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް ދެ ގައުމުގެ ދެމެދުގައި އޮންނަނީ ނުހަނު ގާތް އަދި ބަދަހި ގުޅުމެކެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް