އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 30 އިންސައްތަ އިތުރު

މި އަހަރުގެ މިހާތަނަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ލިބުނު އާމްދަނީ ވަނީ 30 އިންސައްތަ އިތުރުވެފަ އެވެ.

ދިވެހިރާއްޖޭގެ އެއާޕޯޓްތަކުން ބޭރަށް ދަތުރުކުރާ ފަސިންޖަރުންގެ އަތުން ދެ ބާވަތެއްގެ ފީއެއް ނަގަ އެވެ. އެއީ ޑިޕާޗާ ޓެކުހުގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އެވެ.

މީރާގެ ރިޕޯޓުގައި ވާގޮތުން، މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މި ދެ ބައިން ޖުމްލަ 1.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ލިބުނު 871 މިލިއަން ރުފިޔާއާ އަޅާބަލާއިރު 30 އިންސައްތައިގެ އިތުރުވުމެކެވެ.

ވަކިވަކިން ބަލާއިރު، ޑިޕާޗާ ޓެކުހުގެ ގޮތުގައި ފުރަތަމަ ކުއާޓަރުގައި 563 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 435 މިލިއަން ރުފިޔާ ކަމަށްވުމުން، މިއީ 29.4 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު 573 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 437 މިލިއަން ރުފިޔާ އެވެ. މިއީ 31.2 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖޭގައި ޑިޕާޗާ ޓެކްސް ނަގަން ފަށާފައިވަނީ 1 ޖެނުއަރީ 2022 ގަ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 1 މެއި 2017 އިން ފެށިގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް