ވޯޓު ގުނުމުގެ މަސައްކަތް އިންތިހާބު އޮފިޝަލުން ކުރަނީ:
ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ (ޑަބްލިއުޑީސީ)ގެ އިންތިހާބުގައި ވޯޓު އެއްވަރުވެގެން ދެވަނަ ބުރު ބާއްވަން ޖެހޭ ގޮނޑިތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާކަން އިލެކްޝަންސް (އީސީ)ން މިއަދު އިއުލާންކޮށްފި އެވެ.

މި މަހުގެ 18 ވާ ހޮނިހިރު ދުވަހު މި ވޯޓުލުން ކުރިއަށްދާނެކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު މިއަދު ދެއްވި ހާއްސަ މެސެޖެއްގައި ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައިވެސް ލޯކަލް ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ އަދަދަކަށް ރައްޔިތުން ނުކުމެ ވޯޓުލީ ފަހަރެވެ.

ދެވަނަ ބުރުގެ ވޯޓުލުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ފަށާފައިވާކަން ހާމަކުރައްވަމުން ޒާހިދު ވިދާޅުވީ، ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުންދަނީ އެޕްރީލް 18 ވަނަ ދުވަހު އޮންނަ ވޯޓުލުން އިންތިޒާމުކުރުމަށް ކަމަށެވެ. މި ބުރުގައި ވޯޓުލުން ކުރިއަށްދާނީ ފުރަތަމަ ބުރުގައި އެއްވަރުވެފައިވާ ނުވަތަ ގާނޫނީ ގޮތުން ދެވަނަ ބުރަކަށް ދާންޖެހޭ ދާއިރާތަކުގައެވެ.

އިންތިޚާބާ ގުޅުންހުރި ޝަކުވާތަކުގެ ތަފުސީލު ހާމަކުރައްވަމުން ކޮމިޝަންގެ ރައީސް ވިދާޅުވީ، ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް މިހާތަނަށް ޖުމްލަ 170 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަތައް ބަލައި، ގާނޫނީ ހަމަތަކުގެ މަތިން ޝަކުވާ ހުށަހެޅި ފަރާތްތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ދޭ ނިންމުންތަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ހުޅުވިފައިވާ ގާނޫނީ ދޮރުތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ޒާހިދު ވިދާޅުވީ، ކޮމިޝަނުގެ ޖަވާބާ މެދު އިއުތިރާޒުކުރާނަމަ ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މި ގޮތުން މިއަދުން ފެށިގެން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި އެ ފުރުސަތު ކޮންމެ ރައްޔިތަކަށްވެސް ބޭނުންކުރެވޭނެކަން ކޮމިޝަނުން ހާމަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް