ގަޕޯއަށް އެމްޑީޕީގެ އެއްބައިވަންތަކަން ނުނެގެހެއްޓުނު: ފައްޔާޒު
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް، އެ ޕާޓީގެ މިހާރުގެ ޗެއަރޕާސަން އަބްދުލް ގަފޫރު މޫސާ އަދި މިހާރުގެ އިސް ބައެއް ބޭފުޅުންނަށް ފާޑުވިދާޅުވެ، ޕާޓީ އިޞްލާޙުކުރުމަށް ގޮވާލައްވައިފިއެވެ. އެކްސް މެދުވެރިކޮށް ފައްޔާޒު މިއަދު އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި މިހާރުގެ ޗެއަރޕާސަން ނުކުޅެދިފައިވާކަމަށެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި، ރައްޔިތުން އެމްޑީޕީއަށް ކުރި އިތުބާރަށް އިޖާބަދިނުމަކީ ޕާޓީގެ މަސްއޫލިއްޔަތެކެވެ. ޒަމާނާ އެއްގޮތަށް މިއަދުގެ ބޭނުންތައް ދެނެގަނެ، ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ޕާޓީ ތަރައްގީކުރަން ޖެހޭ ކަމަށާއި، އެ ކަން ކުރެވޭނީ ދެފުށްފެންނަ ގޮތަށް އެމްޑީޕީއަށް އާ ޗެއާޕާސަނަކު އިންތިޚާބުކުރެވޭނެ ނިޒާމެއް ކަށަވަރުކުރެވިގެން ކަމަށް، ފައްޔާޒް ވިދާޅުވި އެވެ. މި އިންތިޚާބުން ލިބުނު ބޮޑު ކާމިޔާބީގެ ރޫޙާއި އެއްބައިވަންތަކަން ދެމެހެއްޓުމުގައި މިހާރުގެ ޗެއަރޕާސަން ނުކުޅެދިފައިވާތީއާއި، ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އިންތިޚާބީ މަޤާމުތަކުން މީހުން ވަކިކުރަމުންދާތީ، ޕާޓީއަށް އުޖާލާ ދުވަސްތަކެއް ހޯދައިދިނުމުގެ މަގްސަދުގައި، ޗެއަރޕާސަން ވަކިކުރުމުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކޮށްފައިވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. ނިޒާމީ ބަދަލުތަކެއް ނުގެނެސްފިނަމަ، މާޒީގައި ކުރިމަތިވި ނާކާމިޔާބީތަކާ އަލުން ކުރިމަތިލާންޖެހިދާކަމަށާއ، އެމް.ޑީ.ޕީ އިޞްލާޙުކުރުމުގެ މަގަކީ ދިގު އަދި އުނދަގޫ މަގެއް ކަމަަށް ވިދާޅުވި އެވެ.  ރާއްޖެއަށް ޑިމޮކްރަސީ ގެނެސްދިން، އަދި ރައްޔިތުންގެ ޚިދުމަތުގައި ދެގޮތެއްނުވެ އޮތް ހަމައެކަނި ޕާޓީގެ ބިންގާ އަލުން އަޅައި،  އަސާސްތަކާއި އުސޫލުތައް އާކުރަންޖެހޭކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ މިއީ ބަހުސްކޮށް، ސުވާލު އުފައްދައި، ރާއްޖޭގެ އަސްލު މޫތަކާ އަލުން ގުޅިފައިވާ ޕާޓީއަކަށް އެމް.ޑީ.ޕީ ހެދުމަށް މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް ޕާޓީގެ ކޮންގްރެސްއެއް ބޭއްވުމަށާއި، ޕާޓީގެ އިސްލާހީ ދަތުރު ބައްޓަންކުރުމަށް ބޭނުންވާ ހިޔާލުތައް ހުށަހެޅުމަށް ހުރިހާ މެންބަރުންނަށާއި ރައްޔިތުންނަށް ފައްޔާޒުވަނީ ގޮވާލައްވާފައެވެ. ގައުމު އިސްލާޙުކުރަން ބޭނުންނަމަ، އެންމެ ފުރަތަމަ ޕާޓީ އިސްލާހުކުރަންޖެހޭކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޢަބްދުލްޣަފޫރު، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް އައްޔަންކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރީ، ފައްޔާޒް ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ގަޕޯގެ މައްޗަށް އިތުބާރުނެތް ކަމަށް ޕެޓިޝަނެއް ހުށަހަޅައިފައިވަނީ، ހޯމަ ދުވަހުގެރޭ ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދެއްވައިފައި ނުވާތީ، އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ޖަލްސާ ބޯއިކޮޓްކުރައްވައިފައި ވަނިކޮށެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް