55 މެމްބަރުންގެ ސޮޔާއެކު، ގަޕޯ ވަކިކުރަން ހުށަހަޅައިފި
55 މެމްބަރުންގެ ސޮޔާއި އެކު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލިހަށް ހުށައަޅައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުން ޢަބްދުލްޣަފޫރު ވަކިކުރަން ހުށަހެޅީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ފަރާތުންނެވެ.

އޭގެ ތެރޭގައި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި ކުރީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީއާ އަންހެނުންގެ ގޮފީގެ ރައީސާ ރޮޒައިނާ އާދަމް ހިމެނިވަޑައިގަންނަވަ އެވެ.

ޣަފޫރު މަގާމުން ވަކިކުރުމަށް އެދި ހުށަހެޅި މައްސަލާގައި ބުނީ، ޕާޓީގެ ވަގުތީ ޗެއަރޕަރސަންކަމުގެ މަގާމު، އޭނާއާ ހަވާލުކުރީ ސަރުކާރުން ހިންގަމުންގެންދާ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތް އިންތިޒާމު ކުރުމަށް ކަމަށެވެ.

އަދި ޕާޓީއާމެދު ރައްޔިތުން ކުރަމުންދާ އުއްމީދުތައް ހަގީގަތަކަށް ހެދޭނީ ޕާޓީގެ މަސްލަހަތު ހިފަހައްޓައި، ޕާޓީއަށް ތާއީދު އިތުރުކޮށް، އާންމު މެންބަރުން ޕާޓީގެ ލީޑަރުންގެ ގޮތުގައި ބަލާ، އެއްވެސް ފަރާތެއް ބާކީ ނުކޮށް، އާންމު މެންބަރުންގެ އިހްސާސްތައް ދެނެގަނެގެން ޗެއަރޕަރސަންގެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށްވެސް ބުންޏެވެ.

މައްސަލާގައި މިހެން ބުނެފައިވާއިރު، ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ކުރީގެ ޗެއާޕާސަން ފައްޔާޒު އާއި ކުރީގެ ރައީސް ނަޝީދު ވާހަކަދައްކަވަން ފުރުސަތު ނުދެއްވުމުން ގިނަ މެންބަރުންތަކެއް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ގަޕޯ ވަކިކުރަން ހުށަހެޅި އަނެއް ސަބަބުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޕާޓީގެ ޗެއަރޕަރސަންގެ ނާއިބު، އިބްރާހިމް ވަހީދު، އެ މަގާމުން ވަކިކުރުމާ، ޕާޓީގެ ލީގަލް ޑިރެކްޓަރ، އަޙްމަދު މައުރޫފު ވަނީ، އެ މަގާމުން ކުއްލި ގޮތަކަށް ވަކިކުރުމެވެ.

އަދި އޭނާ ވަނީ ޕާޓީއާއި މެންބަރުންގެ މަސްލަހަތު ހިމާޔަތްކުރަން ނުކުޅެދިފައިކަން ފާހަގަކޮށް ޕާޓީގެ ކުރިމަގަށާއި ޕާޓީގެ މަސްލަހަތަށް، މިވަގުތު އެންމެ ރަނގަޅު ގޮތަކީ، ޕާޓީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމުން، ޢަބްދުލްޣަފޫރު މޫސާ ދުރަށް ޖެހިވަޑައިގެންނެވުން ކަމަށް މައްސލާގައި ބުނެފައިވެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް