އިދިކޮޅު މައި ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއަރޕަރސަން، ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) މަޤާމުން ވަކިކުރުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
އެމްޑީޕީ ޤައުމީ މަޖިލީހުގެ މެންބަރަކު "ރާއްޖެ ޓައިމްސް" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޕެޓިޝަން ހުޅުވާލިތާ އެއް ގަޑިއިރުގެ ތެރޭގއި 30 އަށް ވުރެ ގިނަ މެންބަރުންގެ ސޮއި ލިބިފައިވާ ކަމަށެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ތިއްބަވަނީ 120 މެންބަރުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގަޕޯ އެމްޑީޕީގެ ޗެއަރޕަރސަންކަމުން ވަކިކުރުމަށް ޕެޓިޝަނެއް ފަށާފައި މިވަނީ ގަވާއިދާ ޚިލާފަށް އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބުގެ މަޤާމުން އިބްރާހީމް ވަޙީދު (މަދަނަ އިބުރޭ) އަދި ލީގަލް ޑިރެކްޓަރުކަމުން އަޙުމަދު މަޢުރޫފް ވަކިކުރެއްވުމާ ގުޅިގެންނެވެ.
އެމްޑީޕީ އަށް ނިސްބަތްވާ ގިނަ މެންބަރުން ދަނީ ގަޕޯއާ ދެކޮޅަށް މީސްމީޑިއާގައި އަޑު އުފުލަމުންނެވެ.
ގަޕޯއާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި މިވަނީ، ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ބާނީ އަދި ކުރީގެ ރައީސް، މުޙައްމަދު ނަޝީދަށް ވާހަކަދައްކަވަން ފުރުޞަތު ނުދިން މައްސަލަ ހޫނުވެފައި ވަނިކޮށެވެ.




