ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަރޝިޕް މިފަހަރު ލިބުނީ ސާފަރަކަށް!

ބޭންކް އޮފް މޯލްޑިވްސްގެސްޕޯޓްސް ސްކޮލަރޝިޕް ލިބޭ އެތުލީޓު ހޮވައިފިއެވެ.

މިގޮތުން މި ފަހަރުގެ ސްޕޯޓްސް ސްކޮލަރޝިޕް ލިބޭ އެތުލީޓަކީ ސަރފިންގ ކުރުމުގެ ދާއިރާގައި އުޅޭ އެތުލީޓެއް ކަމަށްވާ ސައްޔިދު ސަލާޙުއްދީނެވެ.

ބީއެމްއެލް އިން ބުނީ މި ސްކޮލަރޝިޕްގެ ދަށުން ސައްޔިދުގެ ޓްރެއިނިންގ ކުރިއަށް ގެންދާނީ ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާގައި ކަމަށާއި، އޮސްޓްރޭލިއާގައި ކުރިއަށްދާ މުބާރާތެއްގައިވެސް ބައިވެރިވާނެ ކަމަށެވެ.

މީގެ އިތުރުން، މުބާރާތާއި ޓްރެއިނިންގ އަށް ބޭނުންވާ އިކުއިޕްމެންޓް މި ސްކޮލަރޝިޕްގެ ދަށުން ފޯރުކޮށްދޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްއަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުމަށް ދޭ ސްކޮލަރޝިޕެކެވެ.

ބީއެމްއެލް އިން ބުނީ މި ސްކޮލަރޝިޕް ލިބޭ އެތުލީޓުން ހޮވާފައި ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއޯސީއިން ކަމަށާޢި، ބޭންކުން ހުރިހާ ޚަރަދެއް ފޯރުކޮށްދޭ މި ސްކޮލަރޝިޕަށް ހޮވޭ އެތުލީޓުންނަށް ހައި ޕާފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް މި ސްކޮލަރޝިޕްގެ ދަށުން ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައިވެއެވެ. ރާއްޖޭގެ ފުޓްބޯޅަ، ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ، ސަރފިންގ ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ގައުމީ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނަރޝިޕްތަކުގެ ދަށުން ބޭންކުން ދަނީ އެ އެސޯސިއޭޝަންތަކަށް އެހީތެރިވަމުންނެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންނުން ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބޭންކަށް ޚާއްސަ އެވޯޑެއްވެސް ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް