ރާއްޖެއަށް ދެ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެމީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ ޖެނިފަރ ޕައުލް (34އ) އާއި އުލްފަތު ރަސޫލް (23އ) އެވެ.

ފުލުހުން ބުނީ އެޕްރީލް 1 ވަނަ ދުވަހު ހައްޔަރުކުރި މި ދެމީހުންނަކީ ދެ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެ މީހުން ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް