މިފްކޯއިން ތެޔޮ މަސްދަޅު ވިއްކާ އަގު ބޮޑުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ މިފްކޯއިން ވިއްކާ މަސްދަޅުގެ އަގަށް ބަދަލު ގެނެސްފިއެވެ.

މިކަމާއި ގުޅިގެން މިއަދު މިފްކޯއިން ނެރުނު ބަޔާނުގައި ބުނީ، މަސްދަޅުގެ އަގަށް ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

އަގަށް އައި ބަދަލުތަކަށް ބަލާއިރު، ކުރިން ލީޓަރެއް 11.57 ރުފިޔާއަށް މިފްކޯއަށް ލިބެމުންދިޔަ ތެޔޮ މިހާރު ލިބެނީ 14.32 ރުފިޔާއަށެވެ. މިއީ ތެލުގެ އަގަށް އައި ބޮޑު ބަދަލަކަށް ވީނަމަވެސް، ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރުމުގެ ގޮތުން މަސްދަޅެއްގެ އަގުން ބޮޑުކޮށްފައިވަނީ އެންމެ ރުފިޔާއެކެވެ. އެގޮތުން ކުރިން ވިއްކި އަގަށްވުރެ އެއް ރުފިޔާ ބޮޑުކޮށް، ތެޔޮ މަސްދަޅެއްގެ އާ އަގަކީ 18.50 ރުފިޔާއެވެ.

މި ބަދަލާއެކު މަސްދަޅު ކޭހުގެ އަގުވެސް ވަނީ ބޮޑުކޮށްފައެވެ. މިއަދުން ފެށިގެން ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 800 ރުފިޔާގެ ރޭޓުންނެވެ. މިފްކޯއިން ބުނި ގޮތުގައި މި ބަދަލަކީ އުފެއްދުންތެރިކަމުގެ ޚަރަދު ދެކޮޅު ޖެއްސުމަށްޓަކައި މިވަގުތު ގެންނަން މަޖުބޫރުވި ބަދަލެކެވެ.

ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއެކު ގޮންޖެހުންތައް ކުރިމަތިވަމުންދިޔަ ނަމަވެސް، މިފްކޯގެ އަމާޒަކީ އުފެއްދުންތެރިކަމުގެ ޚަރަދު ބޮޑުވުމުގެ އަސަރު ރައްޔިތުންނަށް އެންމެ ކުޑަވާނެ ގޮތަކަށް ކުންފުނީގެ ސިޔާސަތުތައް ބައްޓަންކުރުން ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް