ރާއްޖޭގައި ލިބެން ހުންނަ ބޭހުގެ މައުލޫމާތު އެނގޭނެ ނިޒާމެއް ގާއިމްކުރަނީ

ރާއްޖޭގައި ހުރި ބޭހުގެ މައުލޫމާތާއި އެ ބޭސް ހުރި ތަންތަނުގެ ތަފްސީލު އާންމުންނަށް ފަސޭހައިން އެނގޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ ބޭސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އަލަށް ގާއިމްކުރާ މި ނިޒާމުގެ ތަފްސީލް ހިއްސާ ކުރައްވަމުން ޝާހު ވިދާޅުވީ، ރާއްޖޭގައި ހުރި ބޭހާއި އެ ބޭސް ހުރި އަދަދު އަދި ހުރި ތަނެއް އާންމުންނަށް ވެސް އެނގޭނެ ކަމަށެވެ. "އޭގެ ޒަރިއްޔާއިން އަޅުގަނޑުމެންނަށް އޭރަށް ބޭހުގައި މި ވާނުވާ ދެނެގަނެ، ބޭނުންވާ ފޯކާސްޓުތައް ލިބޭނެ،" އޭނާ ވިދާޅުވި އެވެ. މި ނިޒާމުގެ ސަބަބުން ފާމަސީއަކުން ބޭހެއް ނުލިބޭ ހާލަތުގައި، ދެން އެ ބޭސް ލިބެން ހުރީ ކޮން ތަނަކުންކަން ބުނެދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.

ޑޮކްޓަރުންނަށް ވެސް ބޭހުގެ މައުލޫމާތު ލިބެންޖެހޭ

ޝާހު މާހިރު ފާހަގަކުރެއްވި ގޮތުގައި، ބޭސް ސިޓީ ލިޔާއިރު ރާއްޖޭގައި ހުރީ ކޮން ބޭހެއްކަން ޑޮކްޓަރުންނަށް ވެސް އެނގެން ޖެހެއެވެ. ނަމަވެސް މިވަގުތު ސިސްޓަމް ހުރީ އެ މައުލޫމާތު ލިބޭ ގޮތަކަށް ނޫން ކަމަށާއި، އެއީ ސިސްޓަމަށް ގެންނަން ޖެހޭ މުހިންމު ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގައި ކޮލެޓީ ބޭސް ކަށަވަރުކޮށް، ތަފާތު ބަލިތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކަށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

ޝަކުވާތަކަށް ހާއްސަ ކޯލް ސެންޓަރެއް

ބޭސް ނުލިބުމުގެ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސްޓޭޓް ފާމާ އިން ވަނީ 1505 ނަންބަރުގެ ހޮޓްލައިންއެއް ތައާރަފުކޮށްފަ އެވެ. މިއީ 24 ގަޑިއިރު ހިދުމަތް ދޭ ކޯލް ސެންޓަރެކެވެ. "ނުލިބޭ ބޭހާއި ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބޭހާއި އަދިވެސް ބޭހާ ގުޅިގެން ދިމާވާ ޝަކުވާތަކާ، މިކަންތައް އަޑުއަހައި އަޅުގަނޑުމެން އެކަންތައްތައް ހައްލުކޮށްދޭނެ ސިސްޓަމެއް މި ގާއިމް ކުރަނީ،" ޝާހު ވިދާޅުވި އެވެ.

ކޯލް ސެންޓަރުގެ އިތުރުން ބޭސް ސިޓީ އަޕްލޯޑު ކުރެވޭނެ ޕޯޓަލްއެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. ޝާހު ވިދާޅުވީ އާސަންދަ އާއި އެންސްޕާއާ ގުޅިގެން ސްޓޭޓް ފާމާގެ މަސައްކަތްތައް ބައްޓަންވެފައިވަނީ ރައްޔިތުންނަށް ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ކަމަށެވެ. ކޯލް ސެންޓަރަށް ހުށަހަޅާ ޝަކުވާތަކަކީ ވަގުތުން ހައްލު ކުރެވޭނެ ކަންކަން ނަމަ އެކަން ވަގުތުން ހައްލުކޮށްދޭނެ ކަމަށާއި، ބޭރުން ބޭސް ގެންނަން ޖެހޭ ހާލަތްތަކުގައި ވެސް އެ މަސައްކަތް ވަގުތުން ފަށާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް