ވިއްކާފައިވާ މުދާ މަރާމާތުކުރި ކަމަށް ބުނެ "ރިޕެއަރ" ސްކޭމެއް ހިންގަނީ، ސަމާލުވޭ!

ފޭސްބުކް މާކެޓްޕްލޭސްގައި ހިންގަމުންދާ "ރިޕެއަރ" ސްކޭމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

އެންޓި ސްކޭމް ސެންޓަރުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފޭސްބުކް މާކެޓްޕްލޭސް ފަދަ ވަސީލަތްތައް މެދުވެރިކޮށް މުދާ ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން އާ އުކުޅެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިގޮތުން މި ސްކޭމްގައި ސްކޭމަރުން އެންމެ ފުރަތަމަ ބަލަނީ މާކެޓްޕްލޭސްގައި "ސޯލްޑް" ނުވަތަ ވިއްކާލެވިފައިވާ ކަމަށް ޖަހާފައިވާ ތަކެތި ކަމަށާއި، މުދާ ވިއްކި ފަރާތަށް ގުޅައި ނުވަތަ މެސެޖުކޮށް، އެ މުދަލަކީ އެމީހުން މަރާމާތު (ރިޕެއަރ) ކުރި އެއްޗެއް ކަމަށް ބުނެ އިތުބާރު ހޯދާ ކަމަށެވެ.

އަދި އެއަށްފަހު މުދާ މަރާމާތުކޮށް ނިންމާފައިވާ ކަމަށް ބުނެ، އެކަމުގެ އުޖޫރަ ނުވަތަ ރިޕެއަރ ފީ ދެއްކުމަށް އެދޭ ކަމަށާއި، ބައެއް ފަހަރު ފޭކް ރިސިޕްޓް ނުވަތަ އިންވޮއިސް ވެސް ދައްކާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން އެންޓި-ސްކޭމް ސެންޓަރުން ވަނީ މިފަދަ ކަންކަމުން ސަލާމަތްވުމަށް މުދަލެއް މަރާމާތުކުރަން ތިބާ އަމިއްލައަށް ހަވާލުނުކުރާ ފަރާތަކުން ފައިސާއަށް އެދުނަސް އެއްވެސް ފައިސާއެއް ނުފޮނުވަމަށާއި، މަރާމާތުކުރި ކަމަށް ބުނާ ފަރާތަކީ ކޮބައިކަމާއި، އެފަރާތާ މުދާ ހަވާލުކުރީ ކާކުތޯ ސުވާލުކޮށް ކަށަވަރުކޮށް، ފައިސާ ފޮނުވަން ބުނާ އެކައުންޓަކީ މީގެ ކުރިން ސްކޭމްގެ ރިޕޯޓް ލިބިފައިވާ އެކައުންޓެއްތޯ ބެލުމަށްވެސް އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް