ބޮޑުތަކުރުފާނު މަގުގެ 143 މީޓަރުގެ ޝީޓްޕައިލިންގ މަސައްކަތް ނިންމާލައިފި

މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފަސް ވަނަ ސެގްމަންޓްގެ ދަށުން 143 މީޓަރުގެ ސަރަހައްދެއްގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މިގޮތުން މި މަޝްރޫޢުގެ އަދާހަމަ ހާމަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި އެމްޓީސީސީން ބުނީ މި ހަފުތާގެ ތެރޭގައި ކީވޯލް ހެދުމުގެ މަސައްކަތް ފެށުމަށް ތާވަލުކުރެވިފައިވާއިރު، އެންކަރ ބްލޮކްތައް ބެހެއްޓުމާއި، ކޭބަލް ޓްރެންޗް ހެދުމުގެ އިތުރުން ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ބާރަށް ކުރިއަށްދާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގައި، އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ. އެ ސަރަހައްދު ނިންމައި ހުޅުވީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. ދެ ވަނަ ސެގްމެންޓުގައި، ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރުއަޅާ މަގު ހެދުމުގެ މަސައްކަތް ނިންމައި އެ ސަރަހައްދު ހުޅުވީ 2026 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ.

9 އޭޕްރިލް 2025 ގައި އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ، ބޮޑުތަކުރުފާނު މަގު، ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ، ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ނިޒާމުތައް ގާއިމުކުރެވި، މަގު ފުޅާކުރެވި، ޓްރެފިކަށް ލުއިފަސޭހަކަން ލިބި، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް