ހޫނުގަދަ ދުވަސްތަކަށް ފަހު މާދަމާއިން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ

ހޫނުގަދަ ދުވަސްތަކަކަށް ފަހު މާދަމާއިން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު)ން ލަފާކޮށްފި އެވެ.

ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އޭޕްރިލް މަހަކީ ރާއްޖޭގެ ސަރަހައްދަށް ހޫނު މިން އެންމެ މައްޗަށްދާ ދުވަސްވަރުކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން މިދިޔަ ދުވަސްތަކަކީ ރާއްޖެއަށް ވަރަށް ހޫނުގަދަ ދުވަސްތަކަކެވެ. އިހްސާސްކުރެވޭ ހޫނުމިން ހުރީ 40 ޑީގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.

މެޓް އޮފީހުން ބުނީ މިއަދުން ފެށިގެން ރާއްޖެއަށް ވިއްސާރަކުރާނެކަމަށެވެ. އެގޮތުން ރާއްޖޭގެ ދެކުނުގެ ބައެއް ހިސާބުތަކަށް މިއަދު ކެރީގެ އަސަރު ފޯރުމާއިއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި މާދަމާ އާއި އަންގާރަ ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އެއަށްފަހު ބުރާސްފަތި ދުވަހު އަނެއްކާވެސް  ދެކުނަށް އެކަނި ވިއްސާރަ ވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. ރާއްޖޭގެ އުތުރަށް ވިއްސާރަ ނުކުރިނަމަވެސް މިހާރު ހުރި ހޫނުމިން ދަށަށް ދާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް