ޑޮލަރު އާމްދަނީ އިތުރުކުރުމުން ދަރަނި ދައްކަން އެެހީވި، ދެން އޮތީ ރިޒާވް ވަރުގަދަކުރުން: އެމްއެމްއޭ

ދިވެހި ސަރުކާރުން ބައިނަލްއަގްވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާ ނިމުމާ އެކު ދެން އޮތީ ދައުލަތުގެ ރިޒާވް އިތުރަށް ވަރުގަދަކުރުން ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފި އެވެ.

އެމް.އެމް.އޭ އިން ހާމަކުރެއްވި ގޮތުގައި، ސުކޫކްގެ ދަރަނި އަދާކޮށްފައިވަނީ ރަސްމީ ރިޒާވްގެ އިތުރުން، ދައުލަތުގެ ދަރަނި ދެއްކުމަށް ޚާއްޞަކޮށްފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) މެދުވެރިކޮށެވެ. މި ފައިސާ ދައްކާފައިވަނީ މި ހިނގާ މަހުގެ 2 ވަނަ ދުވަހުއެވެ.

މަރުކަޒީ ބޭންކުން ފާހަގަކުރެއްވި ގޮތުގައި، ދައުލަތަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމަށާއި، ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް މިހާރު ދަނީ ތަންފީޒުކުރަމުންނެވެ.

2024 ވަނަ އަހަރު ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު، ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާވެ، ދައުލަތުގެ މާލީ އިލްތިޒާމުތައް ފުރިހަމަކުރުމަށް ބޮޑެތި ފުރުޞަތުތަކެއް ވަނީ ފަހިވެފައެވެ.

އެމް.އެމް.އޭ އިން އިތުރަށް ބަޔާންކުރި ގޮތުގައި، ސަރުކާރާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން، ރަސްމީ ރިޒާވް ވަރުގަދަކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތް ގޮތެއްގައި ކުރިއަށްދާނެއެވެ.

މި ސުކޫކަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން، އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށްޓަކައި ނަގާފައިވާ ދަރަންޏެކެވެ. ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މިފަދަ ބޮޑެތި ދަރަނިތައް އަދާކުރުމަށް ބޭނުންވާ މާލީ ތަރުތީބުތައް ހުރީ އެންމެ އެކަށީގެންވާ ގޮތެއްގައެއް ނޫނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް