ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ އިމާރާތެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށްދާނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ރޭ ދަންވަރު 12:30 ހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވީ 750 އެއްހާ ކުދިން ކިޔަވަމުންދާ އެ ސްކޫލުގެ ޕްރައިމަރީ ސްޓާފް ރޫމްގެ އޭސީއެއްގައެވެ. އަލިފާންގަނޑު ފެތުރިގެން ގޮސް، ސްޓާފް ރޫމާއި، ޕްރިންޓިންގ ރޫމްގެ އިތުރުން ކްލާސްރޫމެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. ސިފައިންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ދަންވަރު 2:00 ހާއިރުއެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ، މިއީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި، ނަމަވެސް އަންނަ ހަފުތާގައި ކިޔެވުން ފެށުމުގެ ކުރިން ބޭނުންވާ މެޝިނަރީތަކާއި، ކޮމްޕިއުޓަރު އަދި ފަރުނީޗަރު ސްކޫލަށް ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެހެން ހުރިހާ ކަމެއް ވަރަށް އަވަހަށް އިންތިޒާމުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވީ ނަމަވެސް، ސްކޫލުގެ މުހިންމު ތަކެތި އަނދައިގެން ދިއުމުގެ ސަބަބުން ބޮޑު މާލީ ގެއްލުމެއް ވަނީ ލިބިފައެވެ.




