ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ވަކާލާތު ކުރައްވާ ސިޔާސީ ލީޑަރުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މިކަމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު މާދަމާ ނަގަން ހަމަޖެހިފައިވަނިކޮށް، ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަކީ ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންގެ އެއްވެސް އަސާސީ ހައްގަކަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ލީޑަރުންނަށް ވުރެ ގައުމަށް ބޮޑަށް ހެޔޮއެދޭނީ އަމިއްލަ މަސައްކަތުން އެތައް ހާސް ބަޔަކަށް ވަޒީފާދީ، ދައުލަތަށް އެންމެ ގިނައިން ޓެކްސް ދައްކާ ވިޔަފާރިވެރިންނެވެ. އޭނާ ވިދާޅުވީ ބައެއް ބޭފުޅުން މިކަމާ ދެކޮޅު ހަދަނީ ގައުމަށް ލިބޭނެ މާލީ މަންފާ އެނގިތިބެ، ހަމައެކަނި ސިޔާސީ ފައިދާއެއް ހޯދުމުގެ ނިޔަތުގައި ކަމަށެވެ.
މީގެ އިތުރުން، ސިޔާސީ މަގާމުތައް އިތުރުވާ މައްސަލައިގައި ކުރިމަތިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ، މަގާމުތައް ބަހައިގެން ވެރިކަން ދެމެހެއްޓުމުގެ ސަގާފަތް ފެއްޓެވީ މިހާރު މި ސަރުކާރަށް ފާޑުވިދާޅުވާ ބޭފުޅުން ކަމަށެވެ. ގާސިމް ވަނީ ދައުލަތުގެ އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރުމަށްޓަކައި މި ފުރުސަތުގެ ބޭނުން ހިފުމަށް ރައްޔިތުންގެ ކިބައިން އާދޭހާއެކު އެދިވަޑައިގެންފައެވެ.




