މާލޭގެ މަޝްހޫރު ފިހާރައެއް ކަމަށްވާ "ނިއު އެޑިޝަން" އަށް ސައްހަ ނޫން ބޭންކް ސްލިޕެއް ފޮނުވައިގެން 8،700 އަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރިކުރި ދެ އަންހެނަކު ހޯދުމުގެ މަސައްކަތް އެ ފިހާރައިން ފަށައިފިއެވެ.
ނިއު އެޑިޝަނުން ރޭ ސޯޝަލް މީޑިއާގައި އާންމުކުރި ސީސީޓީވީ ފުޓޭޖަކާއެކު ބުނެފައިވަނީ، މި ދެ މީހުން އެ ފިހާރައިން ޖުމްލަ 8،788.29 ރުފިޔާގެ މުދާ ނަގާފައިވަނީ ފައިސާ ދެއްކިކަމަށް ދައްކާ ފޭކް ސްލިޕެއް ބޭނުންކޮށްގެން ކަމަށެވެ. ވީޑިއޯއިން ފެންނަ ގޮތުގައި މީގެ ތެރެއިން އެކަކު ހުރީ މޫނު ފޮރުވޭ ގޮތަށް ކަޅު ބުރުގާއެއް އަޅައިގެންނެވެ. އަނެއް އަންހެން މީހާ ހުރީ ރަތް ކުލައިގެ އަތްދިގު ޓޮޕެއްގައެވެ.
މި ދެ މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެ ފިހާރައިން ވަނީ އެދިފައެވެ. އަދި އެ މީހުން ދެނެގަތުމަށް މަގުފަހިވާ ފަދަ މައުލޫމާތެއް ދޭ ފަރާތަކަށް "ރަނގަޅު އިނާމެއް" ދޭނެ ކަމަށްވެސް ނިއު އެޑިޝަނުން އިއުލާންކޮށްފައިވެއެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.



